ރޯދަ މަހާއި ދިމާކޮށް ތަރަހައިން ކުރިޔަށް ގެންދިޔަ ”ތަރަހަ ރޯދަ ފޮޓޯ ޗެލެންޖް“ ފުރިހަމަ ކަމާއިއެކު ނިންމައިލައިފިއެވެ.
އެޕްރިލް 3 އިން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ޗެލެންޖުގައި ޖުމުލަ 6 ކުދިން ވަނީ ބައިވެރިވެފައެވެ. މި ޗެލެންޖް ކުރިޔަށް ގެންގޮސްފައިވަނީ ތަފާތު 3 ތީމް އަކަށް ފޮޓޯ ހުށައެޅޭ ގޮތަށެވެ. އެގޮތުން ”ރޯދަ މަހުގެ ފަހު ދުވަސް“، “ ރޯދަ ވިއްލުން“ އަދި ”އަޅުކަން“، މި ތީމްތައް ހިމެނިފައިވެއެވެ.
މި ފޮޓޯ ޗެލެންޖުގައި ވަނަތައް ހޮވިގެންދާނީ، ތަރަހަ ފޭސްބުކް ޕޭޖްގެ އެ ފޮޓޯއެއް އާއްމުކުރުމުން އެންމެ ގިނަ ލައިކް ލިބިފައިވާ ފޮޓޯއަކަށް އެއްވަނަ ލިބޭ އުސޫލުންނެވެ. މި ފޮޓޯތަކަށް ވޯޓުލުން ހުޅުވާލެވިފައިވަނީ އެޕްރީލް މަހުގެ 12 ވަނަ ދުވަހުން ފެށިގެން އޭޕްރިލް 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެގޮތުން ދަރިވަރުން ހުށައެޅި ފޮޓޯ ތަކުގެ ތެރެއިން އެންމެ ގިނައިން ލައިކް ހޯދައިގެން އެއްވަނަ އަށް ގޮސްފައިވަނީ ސްކޫލް އޮފް ނާރސިންގގެ ދަރިވަރު، ރާނިޔާ އިބްރާހިމް ހުށައަޅައިފައިވާ ފޮޓޯއަށެވެ. އަދި ދެވަނަ ލިބިފައިވަނީ ސެންޓާރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ދަރިވަރު އަމިނަތު ރިފާ ރަމީޒް ހުށައަޅައިފައިވާ ފޮޓޯ އަށެވެ. ވަނަތަކަށް ހޮވުނު ދަރިވަރުންނަށް ތަރަހައިގެ ފަރާތުން ވަނީ ގިފްޓް ހެމްޕާ ދިނުމަށް ހަމަޖެހިފައެވެ.
ފޮޓޯ ޗެލެންޖަކީ ކޮންމެ އަހަރަކު ތަރަހައިން އިސްނަގައިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.






