އަސްލު ނަންފުޅާއި ވަނަވަރު:
ޙާލިދް ބިން އަލްވަލީދް އަކީ އަލްވަލީދް ބިން އަލް-މުޣީރާގެ ބޭފުޅެކެވެ. އެކަލޭގެފާނު ނިސްބަތްވަނީ އަލް މަޚްޒޫމް ޤަބީލާއަށެވެ. މިއީ ޤުރައިޝުންގެ ތެރޭގައި އެންމެ ހައިބަތު ބޮޑު އެއް ޤަބީލާއެވެ. އަދި އެކަލޭގެފާނުގެ ބައްޕަ އަލް ވަލީދު ބިން އަލް-މުޣީރާއަކީ ޤުރައިޝުންގެ އިސްވެރިއެއްގެ އިތުރުން މައްކާގެ އެންމެ މުއްސަނދި އެކެކެވެ. އެހެންކަމުން އެކަލޭގެފާނު ބޮޑުފުޅުވީ ތަނަވަސް ޢާއިލާއެއްގެ ތެރޭގައި މައްކާގެ ޤަދަރުވެރިއެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ ކުންނިއްޔަ ލަޤަބުފުޅަކީ އަބޫ ސުލައިމާނެވެ. އަދި އިސްލާމްދީނުގައި ދެވިފައިވާ ލަޤަބަކީ އުރައިން ދަމާލެވިފައިވާ ﷲގެ ކަނޑިކޮޅެކެވެ.
ޤުރައިޝުންގެ އެހެން ބޮޑުންގެ ދަރިންނާއި ޚިލާފަށް، ޚާލިދްގެފާނަކީ ވަރަށް ތުއްޕުޅު އިރުންސުރެ އަސްވާރުކަމާއި ހެވިކަން ދަސްކުރެއްވި ބޭފުޅެކެވެ. އަދި އެކަލޭގެފާނުގެ މިހުނަރު ވަރަށް ޅަޢުމުރުގައި މަޝްހޫރުވެ ޢުމުރުން ވިހީގެ އަހަރުތަކުގެ ތެރޭގައި ޤުރައިޝުންގެ ހަނގުރާމަތަކުގެ އިސް ކޮމާންޑަރަކަށް ވެވަޑައިގެންނެވިއެވެ.
އަބޫ ޖަހްލަކީ އެކަލޭގެފާނާއި ދެބެންގެ ދެދަރި މީހެކެވެ. އަދި ހަމަ އެގޮތަށް ޢުމަރު ބިން އަލް-ޚައްޠާބް ވެސް މެއެވެ.
ޖާހިލިއްޔަ ޒަމާނުގައި:
ކުރިންވެސް ބުނެވުނު ފަދައިން ޚާލިދް ބިން އަލްވަލީދަކީ މައްކާގެ މުއްސަނދި ޤަދަރުވެރިއެއްގެ ދަރިއެކެވެ. އަދި ޤުރައިޝުންގެ ބޮޑުންގެ ގިނަ މީހުންގޮތަށް ޚާލިދްގެފާނުގެ ބައްޕަވެސް ވެގެން ދިއައީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޞައްލަﷲ ޢަލައިހި ވަސައްލަމާއި އެންމެ ބޮޑަށް ޢަދާވަތްތެރިކަން ދެއްކި އެކަކަށެވެ. އަދި ޤުރައިޝުންގެ ނުބައި ރޭވުންތަކުގެ އިސް މޭސްތެރިއަކަށްވެސް މެއެވެ. އިސްލާމީ ދަޢުވަތު ފެށިގެން އައިއިރު، ޚާލިދުގެފާނަކީ ޤުރައިޝުންގެ ވެރިއަކަށް ނުވިނަމަވެސް އެކަލޭގެފާނު ހުންނެވީ އެކަލޭގެފާނުގެ ކާބަފައިންގެ ދީނާށް ނަޞްރު ދޭ މީހެއްގެ ގޮތުގައެވެ. އަދި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ހުރިހާ މަސައްކަތެއްގައި ބައިވެރިވެވަޑައިގަތުމަށްވެސް ތައްޔާރަށެވެ.
މުސްލިމުންނާއި ދެކޮޅަށް އެކަލޭގެފާނުގެ ޢަދާވަތްތެރިކަން އެންމެ ބޮޑަށް ފެނުނު އެއް ދުވަހަކީ އުޙުދު ހަނގުރާމައިގެ ދުވަހެވެ. އެދުވަސް ފާހަގަވެގެން ދަނީ އިސްލާމީ ތާރީޚުގެ ކުރީކޮޅުގައި މުސްލިމުންނަށް ކުރިމަވި އެންމެ ހިތި އެއް ދުވަހުގެ ގޮތުގައެވެ. މުސްލިމުން ހަނގުރާމައިން ބަލިވެ މުޝްރިކުންނަށް ކާމިޔާބު ލިބުނީ ޚާލިދުގެފާނު ގެންގުޅުއްވި ހަނގުރާމަ މަތީ އުކުޅުތަކުގެ ސަބަބުންނެވެ. މިއީ މުސްލިމުންނަށް ލިބުނު ދެރައެއް ނަމަވެސް މިހާދިސާއަކީ އެކަލޭގެފާނުގެ ހުޝިޔާރުކަން ވަރަށް ބޮޑަށް ފާހަގަވި ދުވަހެކެވެ.
އިސްލާމްވެވަޑައިގަތުން:
ޚާލިދުގެފާނު އިސްލާމްވެވަޑައިގަތީ ހިޖުރައިން 8ވަނަ އަހަރުގައެވެ. އޭރު މައްކާގެ ގިނަ މީހުން އިސްލާމްވެ މަދީނާއަށް ހިޖްރަކޮށްފިއެވެ. އަދި އިސްލާމްދީނުގެ ދަޢުވަތު ފެށުން އިރު މައްކާގެ ބޮޑުންގެ ގޮތުގައި ތިބި ގިނަ މީހުންވަނީ ހަނގުރާމަތަކުގައި މަރުވެގޮސްފައެވެ. އެދުވަސްވަރު މައްކާގައި އިސްލާމްނުވެ ތިބި މަދު މީހުންގެ ތެރޭގައި ޚާލިދުގެފާނުވެސް ހިމެނިވަޑައިގަންނަވައެވެއެވެ. ނަމަވެސް ޚާލިދުގެފާނުގެ އެއްބަފާ ބޭބެ ކަމުގައިވާ އަލް ވަލީދު ބިން އަލް ވަލީދު އޭރު ވަނީ އިސްލާމްވެފައެވެ.
އެއްދުވަހަކު ޚާލިދުގެފާނު މައްކާގެ ޙާލަތާއި މެދު ވިސްނައިވަޑައިގަންނަވަމުން އަމިއްލަ ފުޅަށް ވިދާޅުވިއެވެ. “ އިސްލާމީ ދަޢުވަތް އެބަ ވަރަށް ބާރަށް ފެތުރެއެވެ. އަދި މުޙައްމަދުގެފާނަކީ ހަމަކަށަވަރުން ނަބިއްޔެކެވެ. ތިމަންކަލޭގެފާނު އިސްލާމްވުން ފަސްކުރަންވީ ފަހެ ކިހާ ދުވަހެއް ވަން ދެން ހެއްޔެވެ؟“ އެއަށްފަހު އިސްލާމްވުމަށް ނިންމަވާ މަދީނާއަށް ދަތުރުފެއްޓެވިއެވެ. އަދި ވަކި ހިސާބަކުން ޢަމްރު ބިން އަލްޢާސްއާ ދިމާވެ ވަޑައިގެން ދެބޭފުޅުން އެކުއެކީ ވަޑައިގެން އިސްލާމްދީން ޤަބޫލުކުރެއްވިއެވެ.
ހަނގުރާމައިގެ މައިދާނުގައި:
އިސްލާމްވެވަޑައިގެންނެވުމަށް ފަހު ޚާލިދުގެފާނު ހުރިހާ ވަގުތެއްހެން ހޭދަކުރެއްވީ އިސްލާމްދީނުގެ ދިފާޢުގައި ހަނގުރާމަކުރައްވާށެވެ. އެގޮތުން މުސްލިމެއްގެ ގޮތުގައި އެކަލޭގެފާނު އެންމެ ފުރަތަމަ ބައިވެރިވެވަޑައިގެންނެވި ހަނގުރާމައަކީ ރޫމީންނާއި ދެކޮޅަށް ކުރެވުނު މުއްތާ ހަނގުރާމައެވެ. ރޫމީންނަކީ އެދުވަސްވަރު ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ރަސްކަމެވެ. އަދި މިހަނގުރާމައިގައި ބައިވެރިވި ރޫމީ ލަޝްކަރުގެ ޢަދަދު މުސްލިމުންނަށްވުރެ އެތައް ހާސްތަނެއް ގިނައެވެ. އެހެންނަމަވެސް ޚާލިދްގެފާނުގެ ރޭވުންތެރިކަމާ އެކު މުސްލިމުންނަށް ހަނގުރާމައިން ސަލާމަތްވެވޭނެ ގޮތެއް ހޯއްދަވައިދެއްވިއެވެ. ސަޙީޙް ބުޚާރީގައިވާ ރިވާޔަތެއްގައިވާ ގޮތުން މިހަނގުރާމައިގައި އެކަލޭގެފާނު ބޭނުން ކުރެއްވެވި ހަތް ކަނޑިކޮޅު ބިނދައިގެން ދިޔައެވެ. އަދި އެދުވަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނަށް ”އުރައިން ދަމާލެވިފައިވާ ﷲ ގެ ކަނޑިކޮޅު“ގެ ލަޤަބުން ލަޤަބު ދެއްވެވިއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގަތުމަށްފަހު އަބޫބަކުރުގެފާނުގެ ޚިލާފަތުގައި އުފެދުނު ފިތުނައިގެ ދުވަސްވަރުގެ ހަނގުރާމަތަކުގައި ކޮމާންޑަރެއްގެ ހައިޘިއްޔަތުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ލަޝްކަރު ކުރިމަތިލެއްވި ހުރިހާ ލަޝްކަރެއް ބަލި ކުރެއްވެވިއެވެ. އަދި އެއަށްފަހު ރޯމަނުންގެ އަތުން ޢިރާޤް ފަތަޙަކުރައްވާ ސީރިޔާ ފަތަޙަކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ.
ޢުމަރުގެފާނު ޚިލާފަތުގައި ސީރިޔާ ފާރިސްކަރަ އަދި މިޞްރު މުސްލިމުންނަށް ފަތަޙަވެގެން ދިއައެވެ. މި ހުރިހާ ހަނގުރާމައެއްގައި ޚާލިދުގެފާނު އިސް ރޯލެއް އަދާ ކުރެއްވެވިއެވެ. ނަމަވެސް ވަކި ހިސާބަކުން ޚާލިދުގެފާނު ކޮމާންޑަރުކަމުން ވަކި ކުރެވުނެވެ. އެއީ މީހުން އެކަލޭގެފާނަށް ތަޢުރީފްކުރުމުގައި ހައްދުފަހަނައަޅާ ގޮސް އެކަލޭގެފާނަށް ޝިރްކު ކުރާ ދަރަޖައަށް ހިނގައިދާނެތީއެވެ.
ކޮމާންޑަރުކަމުން ވަކި ކުރެވުނުނަމަވެސް އެކަލޭގެފާނު ﷲގެ މަގުގައި ޖިހާދުކުރެއްވުމުގައި ދެމިހުންނެވިއެވެ.
އަވަހާރަވުން:
އެކަލޭގެފާނު އަވަހާރަވެވަޑައިގަތީ ހިޖްރައިން 21ވަނަ އަހަރުއެވެ. ބައެއް ރިވާޔަޔްތައް ބުނާ ގޮތުން އެކަލޭގެފާނު އަވަހާރަވީ ސީރިޔާގެ ޙިމްޞް ގައެވެ. އަނެއްބައި ފޮތްތަކުގައިވާ ގޮތުން އެކަލޭގެފާނު ދުނިޔެ ދޫކުރެއްވީ މަދީނާގައެވެ. ބުނެވޭ ގޮތުގައި އޭރު އެކަލޭގެފާނުގެ ހަށިކޮޅުގައި ހަނގުރާމައިގެ ފާރެއް ނެތް ކައިވަތެއްހައި ހިސާބުވެސް ނެތެވެ. އަވަހާރަވިއިރު އެކަލޭގެފާނުވަނީ 50އަށްވުރެ ގިނަ ހަނގުރާމައިގައި ކާމިޔާބު ހޯއްދަވާފައެވެ.
މަޢުލޫމާތުނެގި ލިންކްތައް:
ލިޔުނީ: ފާޠިމަތު މުޙައްމަދު އަޙްމަދު، މީޑިއާ ކޯރޑިނޭޓަރ، ސިއާ