ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ޙަރަކާތަކީ ”އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް“ އެވެ. ހަގީގަތަށް ދަންނަވާނަމަ އެއީ މި ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ޙަރަކާތެކެވެ. 2015 ވަނަ އަހަރުން ފެށިގެން އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލައިގެން ސިލްސިލާގޮތެއްގައި ކޮންމެ އަހަރަކުވެސް މި މުބާރާތް އަންނަނީ ބާއްވަމުންނެވެ. މިހާރު ތައްޔާރުވަމުން އަންނަނީ މި މުބާރާތުގެ 7 ވަނަ މުބާރާތް ބާއްވާށެވެ. މި މުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ/ސެންޓަރ/ކެމްޕަސްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2015 ވަނަ އަހަރުގައެވެ. ރައީސް ރާމިޒު އަބޫބަކުރުގެ ރިޔާސަތުގެ ދަށުން ނައިބު ރައީސް (އިތުރު ޙަރަކާތް) އަލް އުސްތާޛް ޙައްމާދު ވާފިރުގެ އިރުޝާދުގެ ދަށުން ފެށި މި މުބާރާތުގެ ހުރިހާ މެޗެއް މިއަދާ ހަމައަށް ކުޅެމުން އައިސްފައިވަނީ އެމް.އެން.ޔޫގެ ޕީއީ ހޯލުގައެވެ. ފުރަތަމަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އެވެ. އަދި ރަނަރއަޕްކަން ހޯދާފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އެވެ. އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) ކަމަށްވާއިރު، ރަނަރއަޕްކަން ހޯދާފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އެވެ.


ރައީސް އަލް އުސްތާޛް ޢަލީ ރަޝީދުގެ ފުރަތަމަ ދައުރުގައި ނައިބު ރައީސް (އިތުރު ޙަރަކާތް) ޢަބްދުﷲ ޢަފީފްގެ އިރުޝާދުގެ ދަށުން 2016 ވަނަ އަހަރު މި ސިލްސިލާގެ ދެވަނަ މުބާރާތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަނެއްކާވެސް ފެކަލްޓީ އޮފް އެޑިއުކޭޝަން ކަމަށްވާއިރު، ރަނަރއަޕްކަން ހޯދާފައިވަނީ ހަމަ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އެވެ. ނަމަވެސް ފިރިހެން ޑިވިޝަނުގެ ފައިނަލުގައި އޭގެ ކުރީ އަހަރުގެ ޗެމްޕިއަން އެފް.އެޗް.ޓީ.އެސް ބަލިކޮށް ތަށި އުފުލާލާފައިވަނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އެވެ.


ރައީސް އަލް އުސްތާޛް ޢަލީ ރަޝީދުގެ ދެވަނަ ދައުރަކީ މި މުބާރާތުގެ އެއް ބާނީ ކަމަށްވާ އަލް އުސްތާޛް ޙައްމާދު ވާފިރަށް މި މުބާރާތް އަނެއްކާވެސް ކުރިއަށް ގެންދިއުމަށް ފުރުޞަތު ލިބުނު ދައުރެކެވެ. އެގޮތުން ނައިބު ރައީސް (އިތުރު ޙަރަކާތް)ގެ މަޤާމު ދެވަނަ ފަހަރަށް އަދާކުރައްވަމުން މި ސިލްސިލާގެ ތިންވަނަ މުބާރާތް 2017ވަނަ އަހަރު ބާއްވާފައިވާއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޖައްސަޖައްސައިގެން ތިންވަނަ ފަހަރަށް ހޯދާ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޓީމުން ވަނީ މުބާރާތުގެ ތަށި މިލްކު ކޮށްފައެވެ. ކުރީ 2 މުބާރާތެކޭ އެއްގޮތަށް މުބާރާތުގެ ރަނަރއަޕްކަން ހޯދާފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އިންނެވެ. 2017 ވަނަ އަހަރަކީ ފެކަލްޓީ އޮފް އެޑިއުކޭޝަން އަށް ތާރީޚީ އަހަރެކެވެ. އެގޮތުން އޭގެ ކުރީ އަހަރުގެ ޗެމްޕިއަން އެފް.އެސް.އެލް ބަލިކޮށް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަނުންނެވެ.


2018 ވަނަ އަހަރަކީ ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރއަކާއެކު މުބާރާތް ކުރިއަށް ގެންދެވުނު އަހަރެވެ. އެގޮތުން ރައީސް އަރުޝަދު އަޝްރަފްގެ ރިޔާސަތުގައި ނައިބު ރައީސް (އިތުރު ޙަރަކާތް) ޙަސަން ޝާހުގެ އިރުޝާދުގެ ދަށުން ”މެކްސްކޮމް އިންޓަރފެކަލްޓީ ވޮލީބޯޅަ މުބާރާތް“ ކުރިއަށް ގެންދިޔައީ ގިނަ ސްޕޮންސަރުންތަކެއްގެ އެހީއާއެކުއެވެ. އެގޮތުން އެއަހަރު ފިއުލް އެކްސްޕްރެސް މޯލްޑިވްސް (އެފް.އީ.އެމް) އިން މުބާރާތުގެ ޗެމްޕިއަން ތަށި ކުރިއަށް އޮތް 3 އަހަރަށް ސްޕޮންސަރކުރުން ފާހަގަކޮށްލެވެއެވެ. އަދި ދިރާގުގެ ފަރާތުންވެސް ވަނީ މުބާރާތް ހިންގުމަށް ގިނަގުނަ އެހީތެރިކަން ދެއްވާފައެވެ. މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އެފް.އީ އަތުން ދޫވެ، ތަށި ހިއްލާލާފައިވަނީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުންނެވެ. ރަނަރއަޕްކަން ހޯދާފައިވަނީ ކުރިން ސްކޫލް އޮފް ނާރސިންގ އެވެ. އެއަހަރުގެ ފިރިހެން ޑިވިޝަނުގެ ތަށި އުފުލާލާފައިވަނީ ކުރިން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ނަމުގައި އޮތް ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒުންނެވެ. މިއީ މި ފެކަލްޓީން ތަށި ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ރަނަރއަޕްކަން ހޯދާފައިވަނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒުންނެވެ.


ރައީސް އަރުޝަދު އަޝްރަފްގެ ދެވަނަ ދައުރަކީ ނައިބު ރައީސް (އިތުރު ޙަރަކާތް) ޙަސަން ޝާހުގެ އިރުޝާދުގެދަށުން އަނެއްކާވެސް މި މުބާރާތް ކުރިއަށް ގެންދިއުމަށް ލިބުނު ފުރުޞަތެކެވެ. 2019 ވަނަ އަހަރަކީ އެމް.އެން.ޔޫގެ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމުން އިންޓަރ ކޮލެޖް ވޮލީބޯޅަ މުބާރާތުގެ ތަށި މިލްކު ކުރި އަހަރެވެ. މި ތާރީޚީ އަހަރުގެ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ކާމިޔާބުކުރީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުންނެވެ. އެފަހަރުގެ ރަނަރއަޕްކަން ހޯދާފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އިންނެވެ. މިއީ އެފް.އެޗް.އެސް އަށް ރަނަރއަޕްކަން ލިބުނު 4 ވަނަ ފަހަރެވެ. އެއަހަރުގެ ފިރިހެން ޑިވިޝަނުގެ ފޯރިގަދަ ފައިނަލުން މޮޅުވެ ޗެމްޕިއަންކަން ހޯދާ އެފް.އެޗް.ޓީ.އެސް އިން ވަނީ ދެވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލާފައެވެ. އަދި އެއަހަރުގެ ރަނަރއަޕް ކަން ހޯދާފައިވަނީ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (އެފް.އީ.އެސް.ޓީ) އިންނެވެ.


ރައީސް ޢަލީ ޝަމްޢޫންގެ ރިޔާސަތުގައި ނައިބު ރައީސް (އިތުރު ޙަރަކާތް) ހުސައިން ޢަލީ (ކޭޑީ)ގެ އިރުޝާދުގެ ދަށުން މި ސިލްސިލާގެ 6 ވަނަ މުބާރާތް 2020 ވަނަ އަހަރު ވަނީ ކުރިއަށް ގެންގޮސްފައެވެ. ކޯވިޑް-19ގެ ބަލިމަޑުކަމަށް ވެރި ރަށް މާލެ ހުށަހެޅުމުގެ ކުރިން ނިންމާލެވުނު މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލަށް މުބާރާތުގެ ތަށި މިލްކު ކުރުމަށް ލިބުނު ފުރުޞަތު ގެއްލި އެ އަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސްކޫލް އޮފް ނާރސިންގ އެވެ. އެމް.އެން.ޔޫ ބިޒްނަސް ސްކޫލަށް މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވެސް ނަސީބު އަތުގައި ހިފޭ ގޮތެއް ނުވިއެވެ. ފައިނަލުގައި ސީ.އެފް.އެސް އިން އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ބަލިކޮށް މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ވަނީ އުފުލާލާފައެވެ.


ކޯވިޑް-19ގެ ބަލިމަޑުކަމުގައި ގިނަދުވަސްތަކެއް ވޭތުވުމަށްފަހު، ރައީސް ޢަބްދުﷲ ޝަހުނީޒްގެ ރިޔާސަތުގެ ދަށުން ނައިބު ރައީސް (ގޮފިތައް) ޙުސައިން ޒައިދު އަދި ނައިބު ރައީސް (އިތުރު ޙަރަކާތް) މާޒިން މުޙައްމަދުގެ އިރުޝާދުގެ ދަށުން އެމް.އެން.ޔޫ.އެސް.ޔޫ އިން މިހާރު ތައްޔާރުވަމުން އަންނަނީ މި ސިލްސިލާގެ 7 ވަނަ މުބާރާތް ބޭއްވުމަށެވެ. ގާތްގަނޑަކަށް ދޮޅު އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް ބޭއްވޭއިރު، ތާރީޚީ ކަމަކުން މިހާރު ވެސް މި މުބާރާތް ވަނީ ޖާގަ ހޯދާފައެވެ. އެގޮތުން މިއަހަރުގެ މުބާރާތަކީ ފުރަތަމަ ފަހަރަށް އެމް.އެން.ޔޫ އަތޮޅުތެރޭ ކެމްޕަހަކުން މުބާރާތުގައި ބައިވެރިވާ ފަހަރެވެ. އާދޭހެވެ. ގަން ކެމްޕަހުގެ އަންހެން ވޮލީބޯޅަ ޓީމު މާދަމާ ހެނދުނު މާލެ އަންނަނީ ތާރީޚުގެ ޞަފްޙާތަކުން މިހާރުވެސް ޖާގަ ހޯދައިގެންނެވެ.