”މިއީ ކާކު؟“ މި ބަސް ދިވެހި ޒުވާނުންގެ އަތްމަތީ ބަހަކަށް ވެފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ. ޚާއްޞަގޮތެއްގައި ރޯދަމަސްތަކުގައެވެ. ”މިއީ ކާކު؟“ މަޝްހޫރުވެގެންދިޔައީ ދައުލަތުގެ މީޑިއާ ”ޓީވީއެމް“ އިން ރޯދަމަހުގައި ގެންނަ އެންމެ ކާމިޔާބު އެއް ޕްރޮގްރާމްގެ ނަމުގެ ގޮތުންނެވެ.
މިފަހަރު ”މިއީ ކާކު؟“ގެ ގޮތުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން މި ގެނެސްދެނީ އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަން އަށް ޚިދުމަތްކުރުމުގައި ލާމަސީލު މިސާލު ދައްކަވާފައިވާ ބައެއް ޝަރަފުވެރި ދަރިވަރުންގެ ރިޕޯޓުތަކެކެވެ.
މިއީ މި ސިލްސިލާގެ ދެވަނަ ރިޕޯޓެވެ. ފުރަތަމަ ރިޕޯޓު ކިޔުއްވާލުމަށް މި ލިންކަށް ފިއްތާލައްވާ!
އެޑިޓޯރިއަލް ނޯޓް:
ޝާހު އަކީ އަޅުގަނޑުގެ އެންމެ ގާތް އެއް އެކުވެރިޔާއެވެ. ރައީސް އަރުޝަދުގެ ހިންގާ ކޮމިޓީގައި މަސައްކަތްކުރުމަށް ލިބުނު ފުރުޞަތުގައި އަޅުގަނޑަށް ދިމާވި ”ހަބޭސް“ އެކުވެރިންގެ ތެރެއިން އެކަކެވެ. އެކުގައި މަސައްކަތް ކުރިއިރު އަޅުގަނޑަށް އެންމެ ފާހަގަވި އެއް ކަމަކީ ޝާހު އަކީ އުފެދުމުގައިވެސް އިސްވާރެއްކަމެވެ. އަދި ވަރުބަލިކަމެއްނެތި މަސައްކަތްކުރާ ފަހުލަވާނެއްކަމެވެ. ކަންކަން ރޭވުމުގައި އެކި ފަރާތްތަކުގެ ޚިޔާލު ހޯދައެވެ. ކަން ދިމާކުރި ގޮތުން 2019 ވަނަ އަހަރުގެ ވަކި ހިސާބަކުން ރައީސް އަރުޝަދު އިސްތިއުފާ ދެއްވިއިރު، ޝާހު ހުންނެވީ ރަށުގައެވެ. އެ ދައުރުގެ ރައީސްކަމާ އަޅުގަނޑު ޙަވާލުވިއެއްކަމަކު، އެ ޒިންމާ އަދާކުރެވިދާނެ އެހެން ފަރާތްތައްވެސް އަޅުގަނޑުމެންގެ ހިންގާ ކޮމިޓީގައި ހިމެނުނެވެ. އޭގެ ތެރެއިން އެއް ފަރާތަކީ ޝާހެވެ. ބަސް ބުނުމުގައި ފަސް ނުޖެހޭ، ޒިންމާ އަދާކުރުމުގައި މިސާލު ދައްކަވާފައިވާ ޝާހު އަކީ އަޅުގަނޑުގެ ނަޒަރުގައި ދަރިވަރުންގެ ޔޫނިއަންގެ ”ޑިފެކްޓޯ“ ރައީސެކެވެ. މި ރިޕޯޓް އަޅުގަނޑުމެން ތައްޔާރުކުރީ ޝާހުގެ ފަރާތުން މަޢުލޫމާތު ނުހޯދާ، އެހެން މަސްދަރުތަކުން ލިބުނު މަޢުލޫމާތުގެ އަލީގައި ޝާހުއަށް ދެވޭ ”ސަޕްރައިޒެއް“ގެ ގޮތުގައެވެ.
އެއީ ދަރިވަރުންގެ ޔޫނިއަންގެ ”ގޯލްޑަން ވީޕީ“ އެވެ. އާދެ! ދަރިވަރުންގެ ޔޫނިއަންގެ ގޯލްޑަން ވައިސް ޕްރެޒިޑެންޓެވެ. ދިވެހިރާއްޖޭގެ އެންމެ ބިން ބޮޑު ރަށް ކަމަށްވާ ލ. ގަމަށް އުފަން ޙަސަން ޝާހު އަކީ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީގައި 3 ދައުރު ފުރިހަމަ ކުރައްވާފައިވާ ވަރުގަދަ ޝަޚްޞިއްޔަތެކެވެ. ލ. ގަން މަތިމަރަދޫ ކޯޒީވިލާ އަށް އުފަން ޝާހު އަކީ ފާހަގަކޮށްލެވޭފަދަ އެތައް ޚިދުމަތްތަކެއް ދަރިވަރުންގެ ޔޫނިއަން އަށް ކޮށްދީފައިވާ ނައިބު ރައީސެކެވެ. އަދި އެއީ ދަރިވަރުންގެ ޔޫނިއަންގެ ކުޅިވަރު ޙަރަކާތްތައް އެހެން ހަރުފަތަކަށް ގެންގޮސްދިން ކުޅަދާނަ ނައިބު ރައީސް (އިތުރު ޙަރަކާތް) އެވެ.
ޔުނިވަރސިޓީ ޙަޔާތުގެ ކުރިން
ޝާހު އަކީ ޝާހުގެ މައިންބަފައިންގެ 8 ދަރީންގެ ތެރެއިން އެންމެ ހަގު ކުއްޖާ އެވެ. ޝާހުގެ އޯލެވެލް ތަޢުލީމު ޙާޞިލުކޮށްފައިވަނީ އުފަން ރަށް ލ. ގަމުންނެވެ. ގްރޭޑް 5 އާ ހަމައަށް ކިޔެވީ މަތިމަރަދޫ ސްކޫލުން ކަމަށްވާއިރު، ގްރޭޑް 6 ން 10 ށް ކިޔެވީ ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލުންނެވެ. ސްކޫލުގައި އުޅުނު ދުވަސްވަރުވެސް ޝާހު އަކީ ހިންގުންތެރި އަދި ޙަރަކާތްތެރި ދަރިވަރެކެވެ. އޭރުވެސް ކުޅިވަރަށް ޚާއްޞަ ޝަޢުޤެއް ހުރެއެވެ. މިގޮތުން އެންމެ ފޯރިއާއެކު ކުޅޭ އެއް ކުޅިވަރަކީ ފުޓްބޯޅަ ކަމަށްވާއިރު، ސްކޫލު ދުވަސްވަރު ޝާހުގެ ދަނޑުމަތީ ނަމަކީ ”ސޯޅަ ސޯޅަ ދަގަނޑު ސާހު“ ކަމަށްވެއެވެ. މި ނަމާ ގުޅޭ ގޮތުން ޝާހުގެ އެކުވެރިއަކާ ސުވާލުކޮށްލުމުން އެނގުނީ ސޯޅަ ސޯޅަ އަކީ ޝާހުގެ އިންޑެކްސް ނަންބަރ ކަމާއި، ޝާހު ކުޅެނީ ވާތު ފައިން ކަމަށްވާތީ ”ދަގަނޑޭ“އާ ގުޅުވާ ދަގަނޑު ސާހު ކިޔާ ކަމެވެ. ކުޅިވަރުގެ އިތުރުން ޝާހު އަކީ ޙަމަދު ސްކޫލުގައި އޮންނަ ”ހިޔާ“ ޖަމިއްޔާގެ ވެސް ޙަރަކާތްތެރި މެންބަރެކެވެ. މިގޮތުން ސްކޫލުގައި އުޅުނު ދުވަސްވަރު މި ޖަމިއްޔާއިން ހިންގާ ޙަރަކާތްތައް ރާވާ، އިންތިޒާމު ކުރުމުގައި ޝާހު ވަނީ މުޙިއްމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން، ސްކޫލް ދުވަސްވަރު ކެޑޭޓް ޙަރަކާތަށް ޝާހު ޚާއްޞަ އިސްކަމެއް ދީފައިވާއިރު، ސްކޫލް ނިމުމަށްފަހު މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމް.އެން.ސީ.ސީ)ގައިވެސް ޝާހު ވަނީ ޙަރަކާތްތެރިވެފައެވެ.
ޔުނިވަރސިޓީގައި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ޝާހު ގުޅިފައިވަނީ 2016 ވަނަ އަހަރުގައެވެ. ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް)ގައި ޝާހު ކިޔަވަމުންދިޔައީ ”ބެޗްލާރ އޮފް ޕްރައިމަރީ ހެލްތު ކެއާ“ އެވެ. ޔުނިވަރސިޓީ ޙަޔާތުގެ ފުރަތަމަ އަހަރުގައިވެސް ޝާހު ގެންދިޔައީ އެފް.އެޗް.އެސްގައި އޮންނަ ދަރިވަރުންގެ ޔޫނިއަންގެ ގޮފި ”ހީލާރސް“ގެ ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވަމުންނެވެ. ހީލާރސް އަކީ އޭރުވެސް ވަރަށް ޙަރަކާތްތެރި ގޮތްޕެކެވެ. ހީލާރސް އިން ހިންގަމުންދިޔަ ތަފާތު، މޮޅު ޙަރަކާތްތަކުގެ ނަތީޖާއަކަށްވެގެންދިޔައީ 2016 ވަނަ އަހަރު ދަރިވަރުންގެ ޔޫނިއަންގެ އެންމެ ޙަރަކާތްތެރި ގޮތްޕަކަށް ހީލާރސް ހޮވުމެވެ. މިއާއެކު ޝާހުގެ ހިތުގެ ޝަޢުޤު ދަމައިގަތީ ހީލާރސްގެ ހިންގާ ކޮމިޓީ މެންބަރަކަށްވެ، ރަސްމީކޮށް ހީލާރސްއަށް ޚިދުމަތް ކުރާން ފެއްޓުމަށެވެ. 2017 ވަނަ އަހަރު ހީލާރސްގެ ނައިބު ރައީސް (އިތުރު ޙަރަކާތް)ގެ މަޤާމަށް ޝާހު ކުރިމަތިލީ ހީލާރސްގެ އެންމެ ޙަރަކާތްތެރި ގޮފީގެ މަޤާމު އޭނާގެ ހިންގާ ކޮމިޓީން ދިފާޢު ކުރުމުގެ ވަރުގަދަ ޢަޒުމުގައެވެ.
ކާމިޔާބެއް ޙާޞިލުކުރުމަށްވުރެ، އެ ކާމިޔާބު ތަކުރާރު ކުރުމަކީ އުނދަގޫ ކަމެކެވެ. ޝާހުމެންގެ ހިންގާ ކޮމިޓީ ކުރިމަތިލީ މިފަދަ ކަމަކަށެވެ. ކާމިޔާބެއް ތަކުރާރު ކުރުމަށެވެ. އާދެ! ހީލާރސް ނައިޓުތަކުން ފެށިގެން ހީނާ މުބާރާތްތަކާ ހަމައަށް ހީލާރސް އިން ރާވާ ހިންގަމުންދިޔަ ކޮންމެ ޙަރަކާތެއްގެ ފަހަތުގައި ޝާހު ދިޔައީ މުޙިއްމު ދައުރެއް އަދާކުރަމުންނެވެ. މިކަން އިތުރަށް ޔަޤީންވެގެންދިޔައީ ދަރިވަރުންގެ ޔޫނިއަންގެ ހުސްވެފައިވާ ޚަޒާންދާރުގެ މަޤާމަށް ކުރިމަތިލުމަށް ޔޫނިއަންގެ އޭރު އޮތް ހިންގާ ކޮމިޓީން ޝާހަށް ދިން ދަޢުވަތެވެ. މި ދަޢުވަތު ޤަބޫލުކޮށް، ކުރިމަތިލި މަޤާމަށް ހޮވި، ދަރިވަރުންގެ ޔޫނިއަންގެ ޚަޒާންދާރުގެ މަޤާމާއި ހީލާރސްގެ ނައިބު ރައީސްގެ މަޤާމު އެއްފަހަރާ އަދާކުރަމުން ޝާހު ދެއްކީ ނަމޫނާ މިސާލެކެވެ. ދަރިވަރުންގެ ޔޫނިއަންގެ 5 ވަނަ ދައުރުގެ ޚަޒާންދާރުކަމާ ދައުރުގެ މެދުތެރޭން ޙަވާލުވެ، ޝާހު ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން އޭރުގެ ޔޫނިއަންގެ ރައީސް އަލް އުސްތާޛް ޢަލީ ރަޝީދު ވިދާޅުވެފައިވަނީ ޝާހު އަކީ އެބޭފުޅާ ވަރަށް ފަޚުރުވެރިވާ އިސްވާރެއްކަމަށެވެ.
”2017 ވަނަ އަހަރު ޔޫނިއަންގެ ހިންގާ ކޮމިޓީން ހުސްވި ގޮނޑިއަކަށް ޔޫނިއަންއާ ގުޅުމަށް އަޅުގަނޑު ޝާހު އަށް ދަޢުވަތު ދިނިން.“
އަދި މި ހުށަހެޅުން ރަނގަޅުކަން ޝާހުގެ މުރާލިކަމާއި އިސްވާރުކަމުން ކަށަވަރުވެގެންދިޔަކަމަށްވެސް ކުރީގެ ރައީސް ފާހަގަކުރެއްވިއެވެ.
ދަރިވަރުންގެ ޔޫނިއަންގެ ޒިންމާދާރު މަސްއޫލިއްޔަތު އަދާކުރަން ޖެހުނެއްކަމަކު ހީލާރސްގެ ޙަރަކާތްތަކަށް ޝާހު ދިން އެއްބާރުލުމަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެކަމުގެ ހެތްކެއްގެ ގޮތުގައި 2017 ވަނަ އަހަރު އެންމެ ޙަރަކާތްތެރި ގޮފީގެ މަޤާމު ހީލާރސް އިން ދިފާޢުކޮށް ތާރީޚު ބަދަލުކޮށްލި ކޮށްލުން ފުދެއެވެ.
ދަރިވަރުންގެ ޔޫނިއަންގެ ނައިބު ރައީސް (އިތުރު ޙަރަކާތް)
ދަރިވަރުންގެ ޔޫނިއަންގެ 5 ވަނަ ދައުރު ނިމި، 6 ވަނަ ދައުރަށް ކުރިމަތިލީ މުޅިން އާ ޓީމަކުންނެވެ. މުޅީން އާ ރިޔާސަތަކުންނެވެ. ނަމަވެސް، ދަރިވަރުންގެ ޔޫނިއަންގެ 5 ވަނަ ދައުރުގެ ހިންގާ ކޮމިޓީގައި ހިމެނުނު 2 މެންބަރަކަށް 6 ވަނަ ދައުރަށްވެސް ވަނީ ދަޢުވަތު ލިބިފައެވެ. އޭގެ ތެރެއިން އެއް މެންބަރަކީ ޝާހެވެ. އާދެ! ރައީސް އަރުޝަދުގެ ނައިބެއްގެ ގޮތުން އިތުރު ޙަރަކާތްތައް ވިލަރެސްކުރުމަށް ނައިބު ރައީސް (އިތުރު ޙަރަކާތް)ގެ މަޤާމަށް ޝާހު އިންތިޚާބުވިއެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ތާރީޚުގައި އެންމެ ތަފާތު ދެއްކި 2 ރައީސުންކަމަށް ގިނަ ދަރިވަރުން އެއްބަސްވާ ރައީސް ޢަލީ ރަޝީދާއި ރައީސް އަރުޝަދު އަޝްރަފްގެ ހިންގާ ކޮމިޓީން ޖާގަ ލިބުނު 2 މެންބަރުންގެ ތެރެއިން އެކަކަށް ޝާހު ވެގެންދިޔައެވެ. ކުރީގެ ރައީސް އަރުޝަދުގެ ނަޒަރުގައި ޝާހު އަކީ އަބަދުވެސް ހިނިތުންވުމާއެކު ދަރިވަރުންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ފަރާތެކެވެ.
”އަބަދުވެސް ފެންނާނީ ތަފާތު ޙަރަކާތެއް ރޭވުމުގެ ވިސްނުން ގެންގުޅުއްވާ ތަން. އެންމެ ބޮޑު ތަފާތަކީ ޔޫނިއަން އަށް ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި އެންމެ ކުރީ ސަފުގައި އެހީތެރިވުމަށް ހުންނެވި ހުންނެވުން.“
ޝާހު އަކީ އޭރުވެސް މިހާރުވެސް ޔޫނިއަންގެ ޙިއްޞާއެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް އަރުޝަދު ވިދާޅުވެފައިވެއެވެ.
2018 ވަނަ އަހަރު ނައިބު ރައީސް (އިތުރު ޙަރަކާތް)ގެ މަޤާމުގައި ޝާހު ވަނީ ތަފާތު ދައްކާފައެވެ. ކުޅިވަރު ޙަރަކާތްތަކުގެ އިންތިޒާމުތައް ރަނގަޅުވެ، އެކަމަށް އޮންނަ ފޯރި ބޮޑުވެގެންގޮސް ޔޫނިއަންގެ ބައެއް ހަފްލާތަކުގައި ޔުނިވަރސިޓީގެ ބައެއް ވެރިން ވަނީ ޢިލްމީ ޙަރަކާތްތަކަށްވެސް މިފަދަ ޖޯޝެއް ގެނެސްދިނުމަށް އެދިވަޑައިގެންފައެވެ. މިއީ އޭރު ކުޅިވަރު ޙަރަކާތްތައް ކުރިއަރައިގެންގޮސްފައިވާ މިންވަރުގެ އާދައިގެ މިސާލެކެވެ. ޝާހަށް އެންމެ ފުރަތަމަ ކުރިމަތިވި ޗެލެންޖަކީ ޔޫނިއަންގެ އިންޓަރ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތެވެ. 2018 ވަނަ އަހަރުގެ ކިޔެވުން ފަށައިގެން 2 ވަނަ ހަފްތާގައި ބޭއްވުނު މި މުބާރާތުގެ ޗެއާރގެ ގޮތުގައި ޝާހު ވަނީ ކާމިޔާބުކަމާއެކު މުބާރާތް ނިންމާލާފައެވެ. ރޭވުންތެރިކަމާއި އިންތިޒާމުތައް މި މުބާރާތުގައި ވަރުގަދަ އިރު، މުބާރާތުގެ ފޯރި އިތުރުކޮށް ގިނަ ފަރާތްތަކަށް މުބާރާތް އިޝްތިހާރު ކުރުމަށް ޝާހު ވަނީ މުޙިއްމު މަސައްކަތްތަކެއް ކޮށްފައެވެ. ވޮލީ މުބާރާތުގެ އިތުރުން 2018 ވަނަ އަހަރު އެމް.އެން.ޔޫ އިން ވަނީ މުޅީން އަލަށް އިންޓަރކޮލެޖް / ޔުނިވަރސިޓީ ހޭންޑްބޯޅަ މުބާރާތުގައި ވާދަކޮށްފައެވެ.
މީގެ އިތުރުން، ދަރިވަރުންގެ ޔޫނިއަންގެ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ޙަރަކާތްކަމަށްވާ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ ވެސް 2018 ވަނަ އަހަރުގެ ތެރޭގައި ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އަދި މުޅީން އަލަށް އަންހެން ޑިވިޝަން މި މުބާރާތަށް ތަޢާރަފުކުރެވުނުއިރު، ގޮންޖެހުންތައް ގިނަވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، މުބާރާތުގެ ޗެއާރ ޝާހުގެ ފުރިހަމަ މަސައްކަތުން ކާމިޔާބު މުބާރާތަކަށް މި މުބާރާތް ވެގެންދިޔަކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ އަހަރުގެ މުބާރާތަކީ މިހާތަނަށް ފުޓްސަލް ފިއެސްޓާގައި އެންމެ ގިނަ ޓީމު ވާދަކޮށްފައިވާ މުބާރާތެވެ. މިގޮތުން ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަން އެއްކޮށް ޖުމްލަ 30 ޓީމެއް ވަނީ މި މުބާރާތުގައި ވާދަކޮށްފައެވެ.
ހަމަ އެހެންމެ، ގަން ކެމްޕަހުގެ ގޮފި ”އަހުރަ“އިން އިންތިޒާމުކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް“ ހިންގުމުގައި ވެސް ޝާހުގެ ދައުރު ބޮޑެވެ. އަދި ގިނަ ގޮންޖެހުންތަކާ ކުރިމަތިވި މި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ޔޫނިއަންގެ ނައިބުރައީސް (އިތުރު ޙަރަކާތް)ގެ ޙައިޞިއްޔަތުން ޙިކުމަތްތެރިކަމާއެކު މަސައްކަތްކޮށްފައިވެއެވެ.
ކުޅިވަރު މުބާރާތްތަކުގެ އިތުރުން ދަރިވަރުންގެ ޔޫނިއަންގެ އެހެން މަސައްކަތްތަކުގައިވެސް ޝާހު އަކީ ހިންގުންތެރި މެންބަރެކެވެ. މިގޮތުން 2018 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާރގައި ކުރިއަށްދިޔަ ބޮޑު ރެޖިސްޓްރޭޝަން ޙަރަކާތުގައި ޢަމަލީގޮތުން ބައިވެރިވެފައިވާއިރު ޔޫނިއަން އިން ކޮށްފައިވާ ގިނަ ރަސްމީ ދަތުރުތަކުގައިވެސް ޝާހު ވަނީ ބައިވެރިވެފައެވެ. އެގޮތުން ކުޅުދުއްފުށި ކެމްޕަހަށް ކުރެވުނު ދަތުރާއި، ގަން ކެމްޕަހަށް ކުރެވުނު ދަތުރު ފާހަގަ ކޮށްލެވެއެވެ. އަދި ހަމަ އެހެންމެ، ޔޫތު ލީޑަރސް ނެޓްވޯކުން ލ. ގަމުގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ ފޯރަމްގެ އޮފިޝަލެއްގެ ގޮތުގައިވެސް ޝާހު ވަނީ ޙަރަކާތްތެރިވެފައެވެ. އުފަންރަށުގައި ބޭއްވުނު މި ފޯރަމް ހިންގުމުގައި ޝާހުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
ހަމަ އެހެންމެ، ދަރިވަރުންގެ ޔޫނިއަންގެ އެކި ގޮފިތަކުން ހިންގާފައިވާ އެކިއެކި ކުޅިވަރު ޙަރަކާތްތައް ހިންގުމުގައި އެ ގޮފިތަކުގެ އިތުރު ޙަރަކާތާ ޙަވާލުވެ ތިބޭ ނައިބު ރައީސުންނާ ގުޅިގެން މަސައްކަތްކޮށް ކަންކަން ގާތުން ބަލާފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ)ގެ ކުރީގެ ނައިބު ރައީސް (އިތުރު ޙަރަކާތް) ނުހާދު ރަޝީދު ހާމަކުރެއްވި ގޮތުގައި ޝާހު އަކީ ދަރިވަރުންގެ ޔޫނިއަންގެ ވަކި ގޮތްޕަކަށް އިސްކަމެއް ނުދީ އެންމެންނަށް ހަމަ ހަމަ ފުރުޞަތުތައް ލިބޭނެ ގޮތް ހަމަޖައްސައިދީފައިވާ ފަރާތެކެވެ. އަދި ދަރިވަރުންގެ ޔޫނިއަން އިން 2018 އަދި 2019 ގައި ހޯދި ކޮންމެ ކާމިޔާބީއެއް ހޯދުމުގެ ފަހަތުގައި ޝާހު ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ނުހާދު އިތުރަށް ފާހަގަކުރެއްވިއެވެ.
ދަރިވަރުންގެ ޔޫނިއަންގެ ”ގޯލްޑަން ވީޕީ“
2019 ވަނަ އަހަރުގެ ހިންގާ ކޮމިޓީއަށް ރައީސް އަރުޝަދުގެ ޓީމުން 2 ވަނަ ފަހަރަށް ކުރިމަތިލާފައިވަނީ 2018 ވަނަ އަހަރު ކުރެވުނު މަސައްކަތްތައް އިތުރު ޙަރުފަތަކަށް ގެންދިއުމުގެ ޢަޒުމުގައި ”ޓީމު ލެވަލްއަޕް“ގެ ނަމުގައެވެ. 2018 ވަނަ އަހަރު ކުރެވުނު ގިނަ މަސައްކަތްތައް އިތުރަށް ރަނގަޅުކޮށް ކާމިޔާބު އަލުން ތަކުރާރު ކުރުމުގެ އުނދަގޫ، އެހެނަސް މުހިއްމު މަސައްކަތް ކުރުމުގެ ޢަޒުމުގައެވެ. 2018 ވަނަ އަހަރު ކެންސަލް ކުރެވުނު އިންޓަރކޮލެޖް ވޮލީބޯޅަ މުބާރާތް 2019 ވަނަ އަހަރުގެ ކަލަންޑަރަށް ތާވަލު ކުރެވުނު ހިސާބުން ފެށިގެން ޝާހު ދިޔައީ އެމް.އެން.ޔޫގެ ޓީމުތަކުގެ ފަރިތަކުރުންތައް އިންތިޒާމުކޮށް ޓީމުތައް ތައްޔާރު ކުރުމުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ. އާދެ! އެމް.އެން.ޔޫގެ 2 ޓީމަށްވެސް ތަށި މިލްކު ކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް މުޅި އެމް.އެން.ޔޫ.އެސް.ޔޫ އޮތީ ތައްޔާރަށެވެ. ތާރީޚީ ކާމިޔާބު ހޯދައި، އެމް.އެން.ޔޫގެ 2 ޓީމުން މި މުބާރާތުގެ ތަށި މިލްކު ކުރިއިރު، މި ޓީމުތަކުގެ މުގުލުގައި އެންމެ ބުރަ މަސައްކަތް ކުރި އެއް ފަރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ”ގޯލްޑަން ވީޕީ“ ޙަސަން ޝާހުކަމާމެދު ޝައްކެއް ނެތެވެ. ދަރިވަރުންގެ ޔޫނިއަންގެ ތާރީޚުގައި ކުޅިވަރުގެ ރޮނގުން މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ ހޯދިއިރު ނައިބު ރައީސް (އިތުރު ޙަރަކާތް)ގެ މަޤާމުގައި ޝާހު ހުރުމަކީ އިއްތިފާޤެއް ނޫނެވެ.
2018 ވަނަ އަހަރެކޭ އެއްގޮތަށް 2019 ވަނަ އަހަރުވެސް ދަރިވަރުންގެ ޔޫނިއަން އިން ވަނީ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތާއި ފުޓްސަލް ފިއެސްޓާ ކާމިޔާބު ކަމާއެކު ބާއްވާފައެވެ. އަދި މީގެ އިތުރުން އަހުރަ ހޭންޑްބޯޅަ މުބާރާތް ރާވާ ހިންގުން އެމް.އެން.ޔޫ.އެސް.ޔޫގެ ސީދާ ބެލުމުގެ ދަށަށް ބަދަލުކޮށް 15 މެންބަރުންގެ ޓީމަކާއެކު ޝާހު ވަނީ މި މުބާރާތް ބޭއްވުމަށް ލ. ގަމަށް ދަތުރުކޮށްފައެވެ. 2018 ވަނަ އަހަރު ގޮންޖެހުންތައް ބޮޑުވި ނަމަވެސް 2019 ވަނަ އަހަރުގެ މި މުބާރާތް ނިމިގެންދިޔައީ އޮމާންކަމާއެކުއެވެ. އަދި މީގެ އިތުރުން، މެދުކެނޑުމަކަށްފަހު އިންޓަރ ފެކަލްޓީ ނެޓްބޯޅަ މުބާރާތްވަނީ 2019 ވަނަ އަހަރު އަލުން ފަށާފައެވެ.
ޝާހުއާ އެއްރަށެއްގެ ފަރާތެއްކަމަށްވާ 2020 ވަނަ އަހަރުގެ ދަރިވަރުންގެ ޔޫނިއަންގެ ރައީސް ޢަލީ ޝަމްޢޫން ވިދާޅުވި ގޮތުގައި ޝާހުގެ ޚިދުމަތް 2017ން ފެށިގެން ޔޫނިއަން އަށް ލިބެމުން އަންނަކަމަށާއި، ޝާހު އަކީ ކިތަންމެ ކުޑަ ޓީމެއް ގޮވައިގެން މަސައްކަތް ކުރަން ޖެހުނަސް ނަތީޖާ ނެރެން އެނގޭ އިސްވާރެއްކަމަށެވެ. އަދި ކުރަން ޖެހުނު މަސައްކަތްތައް ނިންމުމަށް ޚާއްޞަ އިސްކަމެއްދޭ ކަމަށާއި، ނުނިދާހުރެ މަސައްކަތްކުރި ދުވަސްތައްވެސް ދިޔަކަމަށް ޝަމްޢޫން ފާހަގަކުރެއްވިއެވެ.
”ބަސް ބުނަން ޖެހޭ ޙާލަތްތަކުގައި ބަސް ބުނަން ޖެހިލުން ނުވާ ކެރޭ ފަހުލަވާނެއް. ޒިންމާދާރު ޚިދުމަތްތެރިއެއް.“
ޝާހު އަކީ މިއަދާ ހަމައަށް އައިއިރުވެސް ދެގޮތެއް ނުވާ ރަހުމަތްތެރިއެއްކަން ފާހަގަކުރަމުން ޝަމްޢޫން ވިދާޅުވިއެވެ.
ޔުނިވަރސިޓީ ޙަޔާތުގައި ދިމާވި ގާތް އެކުވެރިޔާ
ޝާހު ފެނިއްޖެނަމަ ފަހަތުން އަތީފް ފެނިގެން ނުދާ ފަހަރެއް މަދުވާނެއެވެ. މިއީ ޝާހު އާއި އޭނާގެ ޔުނިވަރސިޓީ ޙަޔާތުގެ އެންމެ ގާތް އެކުވެރިޔާ އަތީފް ސިފަކޮށްދެވިދާނެ އެންމެ ފަސޭހަ އެއް ގޮތެވެ. ޝާހު އާ ގުޅޭ ގޮތުން މެސެޖެއް ދެއްވުމަށް އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ އިން އަތީފްގެ އަރިހުން އެދިލެއްވުމުން ފޮނުވާފައިވަނީ ލޯތްބާއި ކުލުނުން ފުރިގެންވާ ބަސްކޮޅެކެވެ. އެކުވެރިކަމުގެ މިސާލެކެވެ. އަތީފް ފާހަގަކުރެއްވި ގޮތުގައި ޝާހު އެންމެ ފުރަތަމަ ފެކަލްޓީ އަށް ގުޅުނުއިރު އެއީ އެއްވެސް މަޤާމެއްގައި ހުރި މީހެއް ނޫން ކަމަށާއި، އެހެން ނަމަވެސް ޝާހު އަކީ ހީލާރސްގެ އެކި އިވެންޓްތަކުގައި ބައިވެރިވެ، ދަރިވަރުންގެ ކަންކަމުގައި ހިތްވަރުދީ އެކި ގޮތްގޮތުން އަދި އެކި ކަންކަމުގައި ހީލާރސްގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ފަރާތެކެވެ. އަދި ދެމީހުން އެއްކޮށް ހީލާރސްގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމަށް އަތީފްގެ އަރިހުން ޝާހު އެދުނުކަމަށް އަތީފް ހާމަކުރެއްވިއެވެ.
އަދި ހީލާރސްގެ ހިންގާ ކޮމިޓީއަށް ހޮވުމަށްފަހު ކުރިއަށްވުރެ ބޮޑަށް އަދި ރަނގަޅަށް ޙަރަކާތްތައް ޖައްސާ، ދަރިވަރުންގެ ޔޫނިއަންގެ އެންމެ ހިންގުންތެރި ގޮތްޕަށް ހީލާރސް ހެދުމަށް ޝާހު ވަރަށް މަސައްކަތް ކުރައްވާފައިވާކަމަށްވެސް އަތީފް ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީއަށް ޝާހު ފާހަގަވެ، ހުސްވެފައިވާ މަޤާމަކަށް ޝާހު ހޮވިފައިވާކަމާއި، ކޮންމެ މަޤާމެއްގައި ހުއްޓަސް ދަރިވަރުން އެދޭ ކަންތައް ޝާހު ކޮށްދެމުންދިޔަ ކަމަށް އަތީފް ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ހީލާރސް އަށް ކަމެއް ދިމާވެގެން އެދިއްޖެ ކޮންމެ ޙާލަތެއްގައި ވަރަށް ކައިރިން އެކަން ބަލަމުންދިޔަ ކަމަށާއި، ދަރިވަރުންގެ ޔޫނިއަންގެ ޙަރަކާތްތަކަށް ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް)ގެ ދަރިވަރުން އަހުލުވެރިކުރުވުމަށް ޝާހު ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށްވެސް އަތީފް ހާމަކުރައްވާފައިވެއެވެ.
”ޝާހު އަކީ ދެވަނައެއް ނުވާފަދަ ގާތް، އެކުވެރި ރަޙްމަތްތެރިއެއް. އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ. ކޮންމެ ޙާލަތެއްގައިވެސް ކައިރީގައި ހުންނާނެކަމުގެ ޔަޤީންކަން އޮންނަ މީހެއް.“
ޝާހުގެ އެކުވެރިކަން ބަޔާންކޮށްދެމުން އަތީފް ހާމަކުރެއްވިއެވެ.
ޝާހުގެ ފިޔަވަޅުތަކުގެ މަތިން
ދަރިވަރުންގެ ޔޫނިއަންގެ މިދައުރުގެ ނައިބު ރައީސް (ގޮފިތައް) ޙުސައިން ޒައިދަކީ ޝާހުގެ ކޮއްކޮއެކެވެ. ”އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ“ އަށް މަޢުލޫމާތު ދެއްވަމުން ޒައިދު ވިދާޅުވި ގޮތުގައި އެބޭފުޅާގެ ޔޫނިއަން ޙަޔާތް ފެށުނީ ޝާހުގެ ސަބަބުންނެވެ.
އެގޮތުން 2019 ވަނަ އަހަރުގެ ކުރީކޮޅު ސޮސައިޓީ ފޯ ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް(ޝެޓްސް)ގެ ހިންގާ ކޮމިޓީއަށް ކުރިމަތިލީ ޝާހުގެ އެދުމުގެ މަތިން ކަމަށާއި، ޝާހު ޔޫނިއަންގެ ނައިބު ރައީސް (އިތުރު ޙަރަކާތް)ގެ މަޤާމުގައި ހުއްޓާ، ޝެޓްސްގެ ނައިބު ރައީސް (އިތުރު ޙަރަކާތް)ގެ މަޤާމު ލިބުމަކީ ލިބުނު ބޮޑު އުފަލެއްކަމަށް ޒައިދު ފާހަގަކުރެއްވިއެވެ. އަދި ބޭނުންވަނީ ޝާހުގެ މަސައްކަތުން ހިތްވަރު ލިބިގަނެ، ޝާހުގެ ފިޔަވަޅު މަތިން ކުރިއަށް ދިއުމަށްކަމަށް ޒައިދު ފާހަގަކުރެއްވިއެވެ.
”އޭރުން ފެށިގެން ދަރިވަރުންގެ ޔޫނިއަންގެ ޙަޔާތުގައި ”ރޯލް މޮޑެލް“އެއްގެ ގޮތުގައި ބަލަނީ ޝާހު. އަދި ކުރިއަށް ދިއުމަށް އެންމެ ބޮޑު ”ސަޕޯޓެއް“ ލިބެނީ ވެސް ޝާހުގެ ފަރާތުން.“
ޝާހު އަކީ އަބަދުވެސް މީހުންނާ ގުޅިގެން މަސައްކަތް ކުރާ އަދި މުޖްތަމަޢަށް ފައިދާކުރާ މަސައްކަތްތައް ކުރުމުގައި ދެމިހުންނަ ފަރާތެއްކަމަށް ހާމަކުރައްވަމުން ޒައިދު ވިދާޅުވިއެވެ.
ޔުނިވަރސިޓީ ޙަޔާތަށްފަހު
ކާމިޔާބު މަސައްކަތްތަކެއް ކުރުމަށްފަހު ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީން ޝާހު ވަކިވެގެންގޮސްފައިވަނީ 2019 ވަނަ އަހަރުގެ ދައުރު ނިމުމާއެކު އެވެ. ކިޔަވާ ނިމި، ދިރިއުޅުން އުފަން ރަށް ލ. ގަމަށް ބަދަލުކުރި ނަމަވެސް ޔޫނިއަންއާ އޮތް ގުޅުން ޝާހު ދަނީ އަބަދުވެސް ބާއްވަމުންނެވެ. ޔޫނިއަންގެ މަސައްކަތްތަކުން އެއްކައިރިވި ނަމަވެސް ޝާހުގެ ދަރުމަވެރި މަސައްކަތްތަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. މިއަދު ޝާހު އަކީ ލ. ގަމުގެ ޖަމިއްޔާއެއް ކަމަށްވާ ”ދި އައިލެންޑާރސް އެސޯސިއޭޝަން“ގެ ނައިބު ރައީސް އެވެ.
ޞިއްޚީ ޚިދުމަތްތެރިއެއްގެ ގޮތުގައި
ޕްރައިމަރީ ހެލްތު ކެއާރގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށް މިއަދު ޝާހު ވަޒީފާ އަދާކުރަމުންދަނީ ގަން ރީޖަނަލް ހޮސްޕިޓަލްގައެވެ. ޞިއްޙީ ޚިދުމަތްތެރިއެއްގެ ގޮތުން، ޚާއްޞަކޮށް ޕަބްލިކް ހެލްތުގެ ދާއިރާއިން، ޝާހު ދަނީ ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބޭއްވުމުގައި އިސް ދައުރެއް އަދާކުރަމުންނެވެ. ޚާއްޞަގޮތެއްގައި ކޮވިޑް-19ގެ ޢާލަމީ ވަބާ ދުނިޔެއަށް ކުރިމަތިވެފައި މިވާ ދަނޑިވަޅުގައި ޞިއްޙީ ދާއިރާގެ މަސައްކަތްތަކުގައި ޝާހު ދަނީ ނަމޫނާ ދައްކަމުންނެވެ.
ނިންމުން
ޅަފަތުގެ ދުވަސްވަރުން ފަށައިގެން މިއަދާ ހަމައަށްވެސް ޙަސަން ޝާހު އަކީ ހިންގުންތެރި އިސްވާރެކެވެ. ވަރުގަދަ ޝަޚްޞިއްޔަތެކެވެ. ޚާއްޞަގޮތެއްގައި ދަރިވަރުންގެ ޔޫނިއަން އަށް ޝާހު ކޮށްދީފައިވާ ޚިދުމަތްތަކަކީ ހަމައެކަނި ރިޕޯޓެއް ލިޔެލައިގެން އަގު އަދާކުރެވޭނެ ޚިދުމަތްތަކެއް ނޫނެވެ. ޝަޢުޤުވެރިކަމާއެކު ކަމަށް ކަމޭ ހިތައިގެން ލޯތްބާއިއެކު ކޮށްދީފައިވާ އެންމެހާ ޚިދުމަތްތައް މިއަދު ދަރިވަރުންގެ ޔޫނިއަން އިން ފާހަގަކުރަނީ އުފަލާއެކު އެވެ. ފަޚުރުވެރިކަމާއެކު އެވެ. ދަރިވަރުންގެ ޔޫނިއަންގައި މަސައްކަތް ކުރެވުނު ދުވަސްތަކަކީ ޔަގީނުންވެސް ޝާހުގެ ޙަޔާތުގައި ޚާއްޞަ ދުވަސްތަކަކަށްވާނެއެވެ.
ދަރިވަރުންގެ ޔޫނިއަންގެ ރައީސް ޢަބްދުﷲ ޝަހުނީޒް ވިދާޅުވެފައިވާގޮތުން ޙަސަން ޝާހު އަކީ ދަރިވަރުންގެ ޔޫނިއަންގެ ގޮފި ”ހީލާރސް“ އިން ފާހަގަވި ވަރަށް ހީވާގި އިސްވާރެއްކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ގޮފީގެ ނައިބު ރައީސްކަމުގައި އުޅުއްވަމުން ދަރިވަރުންގެ ޔޫނިއަންގެ ޚަޒާންދާރުކަމުގެ މަޤާމުވެސް ފުރުއްވާފައިވާކަމަށް ޝަހުނީޒް އިތުރަށް ފާހަގަކުރެއްވިއެވެ. އަދި ދަރިވަރުންގެ ޔޫނިއަން އިން ވޮލީ ތަށި މިލްކު ކުރިއިރު ނައިބު ރައީސެއްގެ ގޮތުން ޝާހު ކުރެއްވި މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތެއް ކަމަށް އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ރައީސް ފާހަގަކުރެއްވިއެވެ.
”ޔޫނިއަންގެ ކޮންމެ ޙަރަކާތެއް ހިންގުމުގައި، ޚާއްޞަކޮށް ކޮންމެ އިތުރު ޙަރަކާތެއް ހިންގުމުގައި، ޝާހުގެ ތަޖުރިބާ އިން ވަނީ ލުއި ފަސޭހަކަން ގެނެސްދީފަ.“
ޝާހު އަކީ އެންމެންނާ ގުޅޭ ހިންގުންތެރި ނައިބު ރައީސެއްކަން ފާހަގަކުރައްވަމުން ރައީސް ޝަހުނީޒް ވިދާޅުވެފައިވެއެވެ.
ޝާހު އަކީ ސީރިއަސް ޙާލަތްތަކުގައި ވަރަށް ސީރިއަސް އަދި މަޖާ ވަގުތުތަކުގައި ހަމަ އެހާމެ މަޖާ ކުރާ ފަރާތެކެވެ. ދަރިވަރުންނާ ގުޅޭ ދަރިވަރުންގެ އިޙްތިރާމް ލިބިފައިވާ ދަރިވަރުންގެ އިސްވާރެކެވެ. ޤައުމީ ޔުނިވަރސިޓީގެ އިތުރުން އެހެނިހެން ކޮލެޖް/ޔުނިވަރސިޓީތަކުގެ ދަރިވަރުންގެ އެސޯސިއޭޝަންތަކާއެކު ވެސް ގުޅިގެން މަސައްކަތްކުރި ހުނަރުވެރި ޒުވާނެކެވެ. ދަރިވަރުންގެ ޔޫނިއަންގެ އަބްޠާލުންގެ ލިސްޓުގައި ހިމެނޭ ޝަރަފުވެރި ފަރާތެކެވެ. އަދި އެކުވެރިން މައުލޫމާތު ދޭގޮތުންނަމަ، ޝާހު އަކީ ”ރޮމޭންޓިކް“ ފަރާތެއްވެސްމެއެވެ. ދަރިވަރުންގެ ޔޫނިއަންގެ އެދުމަކީ ޝާހު އަށް އަދަށްވުރެ ފަހި ފާގަތި މުސްތަޤްބަލެއް މާތް ﷲ މިންވަރު ކޮށްދެއްވުމެވެ. އަދި ޝާހުގެ މަސައްކަތްތަކުގައި މާތްﷲ ބަރަކާތްލެއްވުމެވެ. ”މާސްކާއެކު“ ޝާހު އާއި ޝާހުގެ ޓީމުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ކާމިޔާބަށް އެދެމެވެ.