ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ 9 ވަނަ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް، ”އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023“ މިރޭ ފެށިގެން ދާނެއެވެ.
މުބާރާތުގައި ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން ޑިވިޝަނުގެ ގްރޫޕް އޭގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އަދި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) ބައްދަލުކުރާ މެޗެވެ. މި ދެ ޓީމަކީ މިދިޔަ އަހަރު (2022)ގެ މުބާރާތުގެ ފައިނަލުގައި ވެސް ބައްދަލުކުރި ދެ ޓީމެވެ. ތަށި ލިބެން އެންމެ ޕޮއިންޓަކާ ގާތުގައި ސީ.އެފް.އެސް އޮއްވާ ފަހަތުން އަރާ އެ މެޗު ކާމިޔާބުކުރީ ފެސްޓެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ ސްކޫލް އޮފް ނާރސިންގ (އެސް.އެން) އެވެ. އެ ޓީމު ފައިނަލުގައި ބައްދަލުކުރީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އާއެވެ.
ތާރީޚު
މި މުބާރާތަކީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަށްފަހު، ޔޫނިއަން އިން ބާއްވާ އެންމެ ބޮޑު މުބާރާތެވެ. މިއީ ތާރީޚީ މުބާރާތެކެވެ. ފޯރިގަދަ އެތައް މެޗެއް ފެނިގެން ގޮސްފައިވާ މުބާރާތެކެވެ. މި މުބާރާތް ހުޅުވާލެވެނީ އެމް.އެން.ޔޫގެ ފެކަލްޓީ/ސެންޓަރ/ކެމްޕަސްތަކަށެވެ. މި މުބާރާތުގެ ހުރިހާ އަހަރެއްގެ ހުރިހާ މެޗެއްވެސް މިއަދާ ހަމައަށް ކުޅެފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައެވެ.
2015 – މުބާރާތް ބާއްވަން ފެށުން
މުބާރާތް އެންމެ ފުރަތަމަ ބޭއްވިފައިވަނީ 2015 ވަނަ އަހަރެވެ. މުބާރާތުގެ ތާރީޚީ ފުރަތަމަ ޗެމްޕިއަނުންނަކީ އަންހެން ޑިވިޝަނުން ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަދި ފިރިހެން ޑިވިޝަނުން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) އެވެ. އަންހެން ޑިވިޝަންގެ ރަނަރއަޕް އަކީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) ކަމަށްވާއިރު، ފިރިހެން ޑިވިޝަންގެ ރަނަރއަޕް އަކީ އެފް.އީ އެވެ.


2016 – ފިރިހެން ޑިވިޝަނުން އާ ޗެމްޕިއަނެއް
ޖެހިގެން އައި 2016 ވަނަ އަހަރު އެފް.އީ އިން ވަނީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި ދިފާޢުކޮށްފައެވެ. ފައިނަލުގައި ބައްދަލުކޮށްފައިވަނީ ހަމަ އެފް.އެޗް.އެސް އެވެ. ނަމަވެސް، ފިރިހެން ޑިވިޝަނުގެ ކުރީގެ އަހަރުގެ ޗެމްޕިއަން އެފް.އެޗް.ޓީ.އެސް ބަލިކޮށް މުބާރާތުގެ ތަށި އެއަހަރު އުފުލާލީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އެވެ.


2017 – އެފް.އީގެ ރަސްކަން
2017 ވަނަ އަހަރަކީ އެފް.އީ އަށް ވަރަށް ތާރީޚީ އަހަރެކެވެ. އެއަހަރުގެ ދެ ޑިވިޝަނުގެ ތަށިވެސް އުފުލާލީ އެފް.އީ ކަމަށްވާއިރު، އެއަހަރަކީ އެފް.އީ އިން އަންހެން ޑިވިޝަނުގެ ތަށި މިލްކު ކުރި އަހަރެވެ. އެފް.އީގެ އަންހެން ޓީމުން ތަށި މިލްކު ކޮށްފައިވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ކޯޗު ޞަފްވާން އަހްމަދުގެ އިރުޝާދުގެ ދަށުންނެވެ. އެއަހަރުވެސް އަންހެން ޑިވިޝަނުގެ ފައިނަލުގައި އެފް.އީ އާއެކު ކުޅުނީ އެފް.އެޗް.އެސް އެވެ. އަދި ފިރިހެން ޑިވިޝަނުގެ ފައިނަލުގައި އެފް.އީ އާއެކު ކުޅުނީ އޭގެ ކުރީ އަހަރުގެ ޗެމްޕިއަން އެފް.އެސް.އެލް އެވެ.


2018 – ފުރަތަމަ ޓައިޓްލް ސްޕޮންސަރ – މެކްސްކޮމް
2018 ވަނަ އަހަރަކީ ފުރަތަމަ ފަހަރަށް މުބާރާތުގެ ޓައިޓްލް ސްޕޮންސަރެއް ހަމަޖެހިގެންދިޔަ އަހަރެވެ. އެއަހަރުގެ މުބާރާތް ބޭއްވުނީ ”މެކްސްކޮމް އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2018″ގެ ނަމުގައެވެ. އެއަހަރުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހާސިލުކުރީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން ކަމަށްވާއިރު، ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ 2016ގެ ޗެމްޕިއަން އެފް.އެސް.އެލް އިންނެވެ. އަންހެން ޑިވިޝަނުގެ ރަނަރއަޕަކީ ސްކޫލް އޮފް ނާރސިންގ ކަމަށްވާއިރު، ފިރިހެން ޑިވިޝަނުގެ ރަނަރއަޕަކީ އެފް.އެޗް.ޓީ.އެސް އެވެ.


2019 – ފިރިހެން ޑިވިޝަނުގެ ފޯރިގަދަ ފައިނަލް މެޗު
2019 ވަނަ އަހަރަކީ މުބާރާތް ފުރަތަމަ ބޭއްވި އަހަރުކަމަށްވާ 2015 ވަނަ އަހަރަށްފަހު، ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެފް.އެޗް.ޓީ.އެސް އަށް ލިބުނު އަހަރެވެ. އެއަހަރުގެ މުބާރާތުގެ ފައިނަލުގައި ދެން ކުޅުނީ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އެވެ. އެފް.އެޗް.ޓީ.އެސް އިން ޗެމްޕިއަންކަން ހޯދީ ފެސްޓުން ތަށި ހޯދުމަށް އެންމެ ޕޮއިންޓަކަށްވެފައި އޮއްވާ ފަހަތުން އަރައެވެ. އެއަހަރުގެ އަންހެން ޑިވިޝަނުގެ ތަށި އެމް.އެން.ޔޫ.ބީ.އެސް އިން ވަނީ ދިފާޢުކޮށްފައެވެ. ފައިނަލުގައި ބައްދަލުކުރީ އެފް.އެޗް.އެސް ކަމަށްވާއިރު އެއީ އެފް.އެޗް.އެސް އިން ރަނަރއަޕްކަން ހާސިލުކުރި 4 ވަނަ ފަހަރެވެ.


2020 – މުޅިން އާ ދެ ޗެމްޕިއަނުން
2020 ވަނަ އަހަރަކީ މުބާރާތުގެ ދެ ޑިވިޝަނުންވެސް މުޅިން އާ ދެ ޗެމްޕިއަނުން ފެނިގެންދިޔަ އަހަރެކެވެ. އެގޮތުން އަންހެން ޑިވިޝަނުގެ ތަށި މިލްކު ކުރުމުގެ ފުރުސަތު އެމް.އެން.ޔޫ.ބީ.އެސް އަށް ނުދީ އެސް.އެން އިން ވަނީ ފައިނަލުގައި އެމް.އެން.ޔޫ.ބީ.އެސްގެ މައްޗަށް ކުރިހޯދާ ފުރަތަމަ ފަހަރަށް ތަށި ހިއްލާލާފައެވެ. އަދި ފިރިހެން ޑިވިޝަނުގެ ތަށި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒުން ހިއްލާލީ ފައިނަލުގައި ހަމަ އެމް.އެން.ޔޫ.ބީ.އެސްގެ މައްޗަށް ކުރިހޯދައިގެންނެވެ.


2021 – ކެމްޕަސް ޓީމަކުން ފުރަތަމަ ފަހަރަށް
2021 ވަނަ އަހަރަކީ ފުރަތަމަ ފަހަރަށް އަތޮޅުތެރޭ ކެމްޕަސް ޓީމަކުން މުބާރާތުގައި ވާދަކުރި އަހަރެވެ. މިގޮތުން، ގަން ކެމްޕަހުގެ ޓީމު އެއަހަރު ވަނީ މުބާރާތުގައި ވާދަކޮށްފައެވެ. އެއަހަރުގެ އަންހެން ޑިވިޝަނުގެ ޗެންޕިއަންކަން އެސް.އެން ބަލިކޮށް އެމް.އެން.ޔޫ.ބީ.އެސް އިން ވަނީ އަލުން އަނބުރާ ހޯދާފައެވެ. އަދި އެފް.އެޗް.ޓީ.އެސް ބަލިކޮށް ސީ.އެފް.އެސް އިން ވަނީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި ދިފާޢުކޮށްފައެވެ.


2022 – ފެސްޓުގެ ފުރަތަމަ ތަށި
2022 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަން ފައިނަލް މެޗަކީ 2019 ވަނަ އަހަރުގެ ފައިނަލް މެޗާ ދާދި އެއްގޮތަކަށް ހިނގާދިޔަ ފޯރިގަދަ މެޗެކެވެ. ނަމަވެސް 2019 ވަނަ އަހަރާ ޚިލާފަށް މިދިޔަ އަހަރު ފެސްޓުން ތަށި ކާމިޔާބުކުރީ ސީ.އެފް.އެސް އަށް ތަށި ލިބެން އެއް ޕޮއިންޓަށްވެފައި ވަނިކޮށް ފަހަތުން އަރައެވެ. މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކުޅުނީ އަނެއްކާވެސް އެސް.އެން އާއި އެމް.އެން.ޔޫ.ބީ.އެސް ކަމަށްވާއިރު އެއަހަރު ތަށި ހިއްލާލީ އެސް.އެން އިންނެވެ.


އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.