ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން 2013 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ 9 ވަނަ އަދަދު މިއަހަރު ބާއްވާފައިވާއިރު، މި މުބާރާތް ފެށިގެން 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވެ އެވެ. ނަމަވެސް ކޮވިޑް-19ގެ އާލަމީ ވަބާއާއިއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރެވެ. މިއަދު ދައްކަން މިއުޅެނީ މި މުބާރާތުގެ ތާރީހުގެ ވާހަކައެއް ނޫނެވެ. މިއަދު ބޭނުންވަނީ މި މުބާރާތުގެ ތާރީހުގައިވެސް ދުށް އެންމެ ކާމިޔާބު ޓީމުގެ ދަތުރަށް ބަލާލާށެވެ.
އެމްއެންޔޫއެސްޔޫ ފުޓަސަލް ފިއެސްޓާއަކީ މަތީ ތައުލީމުގެ ދާއިރާގައި ބޭއްވިގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. މުބާރާތުގެ މިހާތަނަށް އެންމެ ކާމިޔާބު ޓީމުކަމަށް ގިނަ ބަޔަކު ދެބަސްވުމެއް ނެތި ގަބޫލު ކުރާނެ ޓީމަކީ އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ފުޓްސަލް ޓީމެވެ.
އެމްއެންޔޫބީއެސްގެ ފުޓްސަލް ޓީމަކީ 2013 ވަނަ އަހަރު ބޭއްވި ފުޓްސަލް ފިއެސްޓާގެ ފުރަތަމަ އަދަދުން ފެށިގެން ހުރިހާ އަދަދެއްގައި ވާދަ ކޮށްފައިވާ ޓީމެކެވެ. ބީއެސް ޓީމަކީ މުބާރާތަށް އެންމެ ތަފާތުކޮށް ތައްޔާރުވާ ޓީމެވެ. އެގޮތުން އެމްއެންޔޫއެސްޔޫގެ ފުޓްސަލް މުބާރާތުގެ ކުރިން ބީއެސްގެ އެތެރޭގައި ފުޓްސަލް މުބާރާތެއް ކުޅެ އެވެ. ޓީމު އެކުލަވާ ލަނީ އެ މުބާރާތުގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިންނާއި އެސްޔޫ މުބާރާތުގައި ކުޅެން ބޭނުންވާ އިތުރު ކުޅުންތެރިންނާއެކު ސެލެކްޝަންއެއް ހެދުމަށްފަހު އެވެ.
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގައި ބީއެސްއިން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު މުބާރާތުގެ ފުރަތަމަ އަދަދާއި ދެވަނަ އަދަދުގެ ފަހުރުވެރި އެއްވަނަ ހޯދައިފައިވެ އެވެ. އެގޮތުން 2013 ވަނަ އަހަރު ބޭއްވި ފުޓްސަލް ފިއެސްޓާގެ ފުރަތަމަ އަދަދު ބީއެސްއިން ކާމިޔާބުކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ. ޖެހިގެން އައި 2014 ވަނަ އަހަރު ބޭއްވި މުބާރާތާގެ ރަން މެޑަލްވެސް ބީއެސްއިން ހާސިލްކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ.
ތަށި މިލްކު ކުރުމަށް 2015 އަހަރު ބީއެސްއިން ނުކުތް ޓީމަށް މުބާރާތް ނިންމާލަން ޖެހުނީ ކުއާޓާ ފައިނަލާއި ހަމައިންނެވެ. ނަމަވެސް މި ނާކާމިޔާބީއަށް ފަހު 2016 ވަނަ ބީއެސްއިން ނުކުތީ ޓީމު އިތުރަށް ވަރުގަދަކޮށް ސީދާ ތަށި ނެގުމަށެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އެ އަހަރު ބީއެސްއިން މުބާރާތް ކާމިޔާބު ކުރުމެވެ. ތިން ތަށްޓާއެކު ބީއެސްއިން ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފު ދަމަހައްޓާފަ އެވެ.
ފުޓްސަލް ފިއެސްޓާގައި ބީއެސްއަށް ދެން ކުރިމަތިލާން ޖެހުނީ ހިތްދަތި ތިން އަހަރެވެ. ޖެހި ޖެހިގެން ތިން އަހަރުވެސް ބީއެސްއަށް ޖެހުނީ ކުއާޓާ ފައިނަލުން ބަލިވެ މުބާރާތާ އަލްވަދާއު ކިޔާށެވެ. 2017 ވަނަ އަހަރު ކުއާޓާ ފައިނަލުން ބީއެސް ޓީމު ބަލިވެފައިވަނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އަތުން 2-1 އިންނެވެ. ޖެހިގެން އައި 2018 ވަނަ އަހަރު ކުއާޓާ ފައިނަލުން ބީއެސް ބަލިވެފައި ވަނީ އައިޔޫއެމްއާ ދެކޮޅަށް ކުޅެގެންނެވެ. އަދި އެއަށް ފަހު 2019 ވަނަ އަހަރު ބީއެސްއެސްއީން ކުއާޓާ ފައިނަލުން ބަލިވެފައިވަނީ ފެސްޓާ ކުޅެގެންނެވެ.
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2018 ވަނަ އަހަރު ބޭއްވިގެން ދިޔަ އިރު ތަފާތު ކަމަށް ފާހަގަކޮށްލަން ޖެހެނީ މުބާރާތުގައި އަންހެން ޑިވިޝަނެއް އެކުލަވާލުމެވެ. މި މުބާރާތަށް ބީއެސްއެސްއޭއިން ވަނީ އަންހެން ޓީމެއް ނެރެފަ އެވެ. ނަމަވެސް މުބާރާތުގެ ސެމީ ފައިނަލުން އަންހެން ޓީމު ބަލިވެގެން ދިޔައީ ކްލިކް ކޮލެޖާ ވާދަކޮށްގެންނެވެ. 2019 ވަނަ އަހަރު ބީއެސް އަންހެން ޓީމަށް މުބާރާތުގެ ސެމީއާ ހަމައަށްވެސް ދަތުރު ކުރެވޭ ގޮތެއް ނުވި އެވެ. ކުއާޓާ ފައިނަލުން ޓިމު ބަލިވެފައިވަނީ ސައިރެކްސް ކޮލެޖާ ދެކޮޅަށް ކުޅެގެންނެވެ.
މުބާރާތުގެ ތާރީހުގައި އެންމެ މޮޅު މީޑިއާ ޓީމު ހޮވި ހަމަ އެކަނި އަހަރަކީ 2019 ވަނަ އަހަރެވެ. އެ އެވޯޑް ބީއެސްއެސްއޭއިން ހޯދާފައިވަނީ ބީއެސްއެސްއޭ މީޑިއާ ޓީމުން ކުރި ބުރަ މަސައްކަތުންނެވެ.
ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ޖެހިގެން އައި ދެ އަހަރު މުބާރާތް ނުބޭއްވުނު ނަމަވެސް 2022 ވަނަ އަހަރު މުބާރާތް ބާއްވާފައި ވަނީ ކުރިއަށްވުރެ ކުލަގަދަކޮށެވެ. މި މުބާރާތް ވެގެން ދިޔައީ ބީއެސް ޓީމަށްވެސް ހާއްސަ މުބާރާތަކަށެވެ. މުބާރާތަށް ނިކުތް ބީއެސްގެ ދެ ޓީމުވެސް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއީ މުބާރާތުގެ ތާރިހުގައިވެސް އެއް ފެކަލްޓީއެއްގެ ދެ ޓީމުން އެއް އަހަރެއްގައި މުބާރާތުގެ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. އެ އަހަރު ބީއެސް ދެ ޓީމުގެ އަމާޒަކަށްވެސް ވީ ދެ ތަށި ނަގާ މުބާރާތުގެ ތާރީހުގައި ބީއެސްގެ ނަން ރަން އަކުރުން ފަވާލުމަށެވެ.
2022 ވަނަ އަހަރު ބީއެސްގެ އަންހެން ޓީމު މުބާރާތުގެ ރަން މެޑަލް ހޯދާފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ. އެ އަހަރު ބީއެސްގެ އަންހެން ޓީމުން ފައިނަލުގައި ވާދަކޮށްފައި ވަނީ ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒްއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަންހެން ޓީމުން ޗެމްޕިއަން ތަށި ނެގި ނަމަވެސް ފިރިހެން ޓީމަށް އެ ޝަރަފު ލިބޭ ގޮތެއް ނުވި އެވެ. ފައިނަލުގައި 3-0 ލީޑެއް ނަގާ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަ ބީއެސް ޓީމުގެ މައްޗަށް ދެވަނަ ހާފުގައި މެޕްސް ކޮލެޖުން ވަނީ ކާމިޔާބު ހޯދާފަ އެވެ. އެ މެޗު ނިމިގެން ދިޔައީ ދެވަނަ ހާފުގައި މެޕްސް ކޮލެޖުން ޖެހި 4 ގޯލާއި އެކު 4-3 ގެ ނަތީޖާ އަކުންނެވެ.
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގައި މިއަހަރަކީ މިދިޔަ އަހަރަށް ވުރެ ބީއެސްއަށް ތާރީހީ އަހަރެކެވެ. މިއަހަރުގެ މުބާރާތަށް ބީއެސްއެސްއިން ނިކުމެފައިވަނީ މިދިޔަ އަހަރުގެ މުބާރާތުން ލިބުނު ފިލާވަޅާއި އެކު އިތުރު ހަރުފަތަކަށް ދެ ޓީމު ގެންދިއުމަށެވެ.
މިދިޔަ އަހަރު މުބާރާތުގެ ފައިނަލަށް ބީއެސްގެ އަންހެން ޓީމާއި ފިރިހެން ޓީމު ދަތުރުކޮށް ބީއެސްއިން ތާރީހަށް އިތުރު ކުރި ބޮޅު މިއަހަރުވެސް އެގޮތުގައި ދަމަހައްޓާފައިވެ އެވެ. މިއަހަރު އިތުރަށް ހާއްސަވާ ސަބަބަކީ މިދިޔަ އަހަރުގެ މުބާރާތުން ހިތި ނަތީޖާއަކާ އެކު ބީއެސްގެ ފިރިހެން ޓީމަށް ގެއްލުނު ރަން މެޑަލް އެ ޓީމުން ހޯދުމާއެކު އަންހެން ޓީމުން މުބާރާތުގެ ތަށި ދިފާއު ކުރުމެވެ.
މިއަހަރުގެ މުބާތުގައިވެސް ބީއެސްގެ އަންހެން ޓިމުން މުބާރާތް ކާމިޔާބުކޮށްފައިވަނީ މިދިޔަ އަހަރެކޭ އެއްފަދައިން ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ. ފައިނަލުގައި ބީއެސްއިން ވާދަކޮށްފައިވަނީ މުބާރާތުގައި މޮޅު ކުޅުންތެރިންތަކަކާ އެކު ވާދަކޮށް މޮޅު ކުޅުމެއް ދައްކާފައިވާ ކްލިކް ކޮލެޖާ އެވެ. މި މެޗަށް އަންހެން ޓީމުން ނިކުތް އިރު ކުޅުންތެރިން ވަރުބަލި ވެފައި ތިބި ނަމަވެސް ކޯޗު މުހައްމަދު ޔާސިރު މޫސާގެ އިރުޝާދާ އެކު މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވެ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ޖަހާ ލީޑު ނެގުމަށްފަހު އަންހެން ޓީމުން ވަނީ މެޗު ނިމެންދެން ވަރުގަދަ ކްލިކް ކޮލެޖް ހިފަހައްޓާލާފަ އެވެ. މެޗުގައި ނަތީޖާ ހަމަހަމަ ކުރުމަށް ކްލިކް ކޮލެޖަށް ލިބުނު ޕެނަލްޓީ ބީއެސްގެ ކީޕަރު ވަނީ އިތުބާރާ އެކު ދިފާއު ކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ބީއެސްގެ ކީޕަރު އާޔާ އަހުމަދު އަބޫބަކުރެވެ. މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައިވަނީ ބީއެސް ޓީމުގެ ފިރުޝާނާ ނަސީރެވެ. ފިރުޝާނާއަށް ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ލިބިފަ އެވެ.
މިދިޔަ އަހަރުގެ ފައިނަލުން ބަލިވި ބީއެސްގެ ފިރިހެން ޓީމުން މިއަހަރުގެ ފައިނަލުގައި ކުޅެފައިވަނީ އަނިޔާގައި ތިބި ތިން ކުޅުންތެރިންނާއި އެކު އެވެ. ނަމަވެސް ފައިނަލު މެޗުގައި ފިރިހެން ޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން އިދިކޮޅުން ކުޅުނު ޕޮލިޓެކްނިކުން މެޗުގެ ކުރީ ކޮޅުގައި ގޯލެއް ޖަހާ ލީޑު ނަގާފައިވަނިކޮށް ބީއެސްއިން ވަނީ ދެވަނަ ހާފުގައި ތިން ގޯލު ޖަހާފަ އެވެ. މިއާއި އެކު 3-1 ގެ ނަތީޖާ އަކުން ބީއެސްއިން ވަނީ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތަށި ހަތަރުވަނަ ފަހަރަށް އުފުލާލާފަ އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުން ތެރިޔަކަށް ހޮފިފައިވަނީ މުހައްމަދު އަނާން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ބީއެސްގެ އަހުމަދު ރިޔުޝާން އެވެ. ރިޔުޝާން ވަނީ މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފަ އެވެ.
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގައި ފާއިތުވި ދެ އަހަރު ބީއެސްއަށް ހާއްސަވާ އިތުރު ސަބަބެއްވެސްވެ އެވެ. އެއީ ދެ އަހަރުގައި ކުޅުނު ދެ ޓީމުގެ ކޯޗުންވެސް މުބާރާތުގެ އެންމެ މޮޅު ކޯޗުގެ ޝަރަފު ހޯދާފައިވުމެވެ. މިދިޔަ އަހަރު ބީއެސްގެ ފިރިހެން ޓީމަށް ކޯޗުކަން ކޮށްދީފައިވަނީ އިސްމާއިލް އާސިފް (އާސިއްޕެ) އެވެ. މިއަހަރު ފިރިހެން ޓީމުގެ ކޯޗަކީ އަހުމަދު ނިސާމް (ފޮޓޯ) އެވެ. އަންހެން ޓީމަށް ފާއިތުވި ދެ އަހަރުވެސް ކޯޗުކަން ކޮށްދީފައިވަނީ ބީއެސްއެސްއޭގެ ކުރީގެ ރައީސް މުހައްމަދު ޔާސިރު މޫސާ އެވެ. މީގެ އިތުރުން މިއަހަރުގެ މުބާރާތުގައި ބީއެސްއިން ވަނީ އެންމެ ވަރުގަދަ ސަޕޯޓަރުން ތިބި ޓީމުގެ ގޮތުގައިވެސް ހޮވިފަ އެވެ.
ފާހަގަ ކުރި ހުރިހާ ސަބަބުތަކާއެކު ބީއެސްއަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އަދި މިއަހަރުގެ މުބާރާތުގައި ހޯދި ކާމިޔާބީ އަކީ ބީއެސްގެ އިތުރުން އެމްއެންޔޫއަށްވެސް ލިބުނު ބޮޑު ޝަރަފެކެވެ.