މިދިޔަ އަހަރެކޭވެސް އެއްފަދައިން ސެންޓަރ ފޯ ފައުންޑޭޝަން (ސީ އެފް އެސް)ގެ ގޮފި ތަރަހަ އަދި ފެކަލްޓީ އޮފް އާޓްސް (އެފް އޭ) ގެ ގޮފި ސިއާ އާއި ގުޅިގެން ބާއްވާ ”ތަރަހަ ސިއާ ސްޓްރީޓް2025“ މި އަހަރުވެސް ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތަކީ މިދިޔަ އަހަރުވެސް ވަރަށް ކާމިޔާބުކަމާއެކު ބޭއްވުނު މުބާރާތެކެވެ.
ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް އަދި ފެކަލްޓީ އޮފް އާޓްސް ގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން ބާއްވާ މި މުބާރާތަކީ 4 އޮން 4 މެޗުތަކަށް ކުޅޭނެ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުންނަށް މިހާރު ވަނީ ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ރަޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ 15 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހުގެ 00:00 ގެ ނިޔަލަށެއެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 17 އޮކްޓޯބަރ 2025 ވާ ހުކުރު ދުވަހުގައެވެ.
މިދިޔަ އަހަރުވެސް ބޭއްވުނު މުބާރާތުގެ މި އަހަރުގެ އަމާޒަކީ މިދިޔަ އަހަރަށް ވުރެ މުބާރާތް ކާމިޔާބުކޮށް ބޭއްވުމެވެ. ”އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މިދިޔަ އަހަރުގެ ތަޖުރިބާ އުނގެނި، މިދިޔަ އަހަރަށް ވުރެ މި އަހަރު މި މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލުން“ ”ތަރަހަ ސިއާ ސްޓްރީޓް2025 ގެ އިންތިޒާމީ ކޮމިޓީ ގެ ޗެއާރ އަދި ސިއާގެ ރައީސް މުހައްމަދު ޒަމާއު ނިޔާޒް ވިދާޅުވިއެވެ.
މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ދެ ފެކަލްޓީގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމެވެ. މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ތަރަހަ އަދި ސިއާ ގެ މީސްމީޑިޔާ ޕޭޖުތަކުން ލިބިގެންދާނެ އެވެ.





