ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ 9 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުނު އާޢިލީ ހަވީރު ”އެކުވެރި މައިދާން“ އާއި އެކު އަހަރީ ދުވަހުގެ ހަރަކާތްތައް ވަރަށް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
”އެކުވެރި މައިދާން“ ގައި ގިނަ ފެކަލްޓީތަކުން ވަނީ ސްޓޯލްތައް ތައްޔާރުކޮށްފައެވެ. އެގޮތުން އެކިކަހަލަ ކުޅިވަރުތަކާއި، ފޭސް ޕެއިންޓެއިންގގ އާއި ފުޑް ސްޓޯލްތައް ތައްޔާރު ކުރެވިފައިވެއެވެ. މީގެ އިތުރުން ބްލަޑް ޕްރެޝާ އާއި، ހަކުރު ޓެސްޓު ކުރުމުގެ އިތުރުން ބަރުދަންބެލޭނެ ފަދަ ސްޓޯލްތައް ވެސް ބެހެއްޓިފައިވެއެވެ.
މި އާއިލީ ހަވީރު ބޭއްވުމުގެ މައިގަނޑު މަޤްސަދު ކަމަށްވާ، ކޮވިޑް-19ގެ ޚައްސާސީ ހަލާތަށް ފަހު ގިނަ ބަޔަކު އެއްވެ މަޖާމަހައުލެއްގެ ތެރެއިން އެމް.އެން.ޔޫ.އެސް.ޔޫގެ އަހަރީ ދުވަސް ފާހަގަކުރުމުގެ މަޤްސަދު ވަރަށްވެސް ރަނގަޅަށް ފުރިހަމަވެގެންދިޔަތަން ވަނީ ފެނިގެން ގޮސްފައެވެ. މި އާއިލީ ހަވީރަށް ކުދި ބޮޑު ވަރަށް ގިނަ ފަރާތްތަކެއް ވަނީ ޒިޔާރަތްކޮށްފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ 9 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެކުވެރި މައިދާނުގެ އިތުރުން ދަރިވަރުންގެ ހުނަރުދައްކާލުމަށް ”އެމް.އެން.ޔޫ.އެސް.ޔޫ ޕްރެޒެންޓްސް ދި ނެކްސްޓުލެވެލް“ ގެ ނަމުގައި 6 ނޮވެމްބަރ 2021 ވީ ހޮނިހިރު ދުވަހު ފޯރިގަދަ ޝޯއެއް ބާއްވައިފައިވާއިރު، 2021 ނޮވެމްބަރ 8 ވީ ހޯމަ ދުވަހު ”ވެށިސާފު“ ގެ ނަމުގައި ހުޅުމާލެ ފޭސް 2 ގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއަހަރު އެމް.އެން.ޔޫ.އެސް.ޔޫ އަށް 9 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވުނު ހަރަކާތްތަކަކީ އެމް.އެން.ޔޫ.އެސް.ޔޫ ގެ ތާރީޙުގައި ވެސް އެމް.އެން.ޔޫ.އެސް.ޔޫގެ އަހަރީ ދުވަހެއް ފާހަގަކުރުމަށް މިހައި ކުލަގަދަ ހަރަކަތްތަކެއް ބޭއްވުނު ފުރަތަމަ ފަހަރެވެ.






